މޯޓިވޭޝަނަކީ
ކަމެއްކުރުމަށް ނުވަތަ ކަމެއް ޙާޞިލުކުރުމަށް ހިތުގެ އަޑިން ބޭނުންވާ
ބޭނުންވުމެކެވެ. ހަމައެހެންމެ އެއީ ވަކި އަމާޒަކަށް ވާޞިލުވުމަށްޓަކައި ލަނޑުދަނޑި
ކަނޑައަޅައިގެން އެ މިސްރާބަށް ދިއުމަށްޓަކައި ގަދައަޅާ މަސައްކަތްކުރުމުގެ
ބާރެއްކަމަށް ކެންޑްރާ ޗެރީ (2014) ހާމަކުރައްވައެވެ. ކެންޑްރާ ޗެރީ (2014)
އިތުރަށް ހާމަކުރައްވާގޮތުގައި މޮޓިވޭޝަނަކީ ކަމެއްކުރުމަށް ބޭނުންވާ ސަބަބެވެ.
މިސާލަށް ވަރަށް ބަނޑުހައިވެފައިވާ މީހެކެވެ. އޭނާގެ އެ ހައިހޫނުކަން
ފިލުވައިލުމަށްޓަކައި ކާނެ އެއްޗެއް ހޯދަން އޭނާ ބޭނުންވާ ބޭނުންވުމަކީ
މޯޓިވޭޝަނެވެ.
މޯޓިވޭޝަން ތިއަރީގެ
ޢިލްމުވެރިން މޯޓިވޭޝަނުގެ ދެ ގޮތެއް ބަޔާންކުރެއެވެ. އެއީ:
އިންޓްރިންސިކް މޯޓިވޭޝަނަކީ
ތިމާ އަމިއްލައަށް ކަމަކަށް ބޭނުންވެ އެކަމެއް ކުރުމެވެ. ބްރައުން (2007) އާ
ޙަވާލާދެއްވައި ކެންޑްރާ ޗެރީ (2014) ހާމަކުރައްވާގޮތުގައި އިންޓްރިންސިކް
މޯޓިވޭޝަނަކީ ތިމާ އަމިއްލަ ނަފުސަށް ހިތްހަމަޖެހުން ލިބިގަތުމަށްޓަކައި ތިމާ
ކަމެއް ކުރުމަށް ނުވަތަ ކާމިޔާބުކުރުމަށް މަސައްކަތްކުރުމެވެ. ފަހަރެއްގައިވެސް
އެއީ އެހެންމީހެއްގެ ފަރާތުން އެއްޗަކަށް، ކަމަކަށް ބޭނުންވެގެން އުޅުމެއްނޫނެވެ.
މިސާލަކަށް ތިމާ ރަނގަޅު ގްރޭޑެއް ލިބުން އެދޭތީ އާއި އޭގެ ސަބަބުން ތިމާއަށް
އުފަލާއި ހިތްހަމަޖެހުން ލިބޭނެތީ ރަނގަޅަށް ފިލާވަޅު ދަސްކުރުމަށް އުފެދޭ
ޝައުޤުވެރިކަމެވެ.
އެކްސްޓްރިންސިކް މޯޓިވޭޝަނަކީ އެހެންމީހެއްގެ ފަރާތުން
އިނާމެއް ހޯދުމަށް ބޭނުންވެގެން ނުވަތަ އިނާމެއް ލިބޭނެތީ ކަމެއްކުރުމަށް އުފެދޭ
ޝައުޤުވެރިވުންކަމަށް ކެންޑްރާ ޗެރީ (2014) ހާމަކުރައްވައެވެ. ކެންޑްރާ ޗެރީ
(2014) އިތުރަށް ހާމަކުރައްވާގޮތުގައި މީހެއްގެ ފަރާތުން ލިބިދާނެ އަދަބަކުން
ސަލާމަތްވުމުގެ ބޭނުމުގައި ކަމެއް ކުރުމަށް ޝައުޤުވެރިވުމަކީ ވެސް
އެކްސްޓްރިންސިކް މޯޓިވޭޝަނެވެ. މިސާލަކަށް ކިޔަވާ ހުރިހާ މާއްދާއަކުން އޭ ގްރޭޑް
ހޯދައިފި ނަމަ ސްކޮލަޝިޕެއް ލިބޭތީ މާއްދާތަކުން އޭ ހޯދުމަށްޓަކައި
މަސައްކަތްކުރުމަށް އުފެދޭ ޝައުޤުވެރިކަމެވެ. ހަމައެހެންމެ ފިލާވަޅު ނަހަދައިފި
ނަމަ ކްލާހުގައި ކޮޅަށް ބަހައްޓާނެތީ ފިލާވަޅުހެދުމަށް ހުންނަ ޝައުޤުވެރިކަމެވެ.
މީހެއްގެ ކިބައިގައި ޝައުޤުވެރިކަމެއް
އުފެދެނީ ނުވަތަ ޝައުޤުވެރިކަމެއް މީހެއްގެ ނުވަތަ ބައެއްގެ މެދުގައި ދެމެހެއްޓޭނީ
ތިން ކަމެއް އެކުވެގެންނެވެ. އެއީ ފުރުސަތާއި، ފައިދާާއާއި، އުންމީދެވެ.
ޝައުޤުވެރިކަން އުފެދުމާއި
އުފެއްދުމުގައި ފުރުސަތަކީ މުހިންމު ބަހާއެކެވެ. ކަމެއް، އެއްވެސް
ގޮތަކަށް އެއްވެސް މިންވަރަށް ނޭނގި އަދި އެކަމެއްގެ ޚަބަރެއް ނުވަތަ މަޢުލޫމާތެއް
އެއްވެސް މިންވަރެއްނެތި އަދި މިއިން ކަމަކަށް ފުރުސަތެއްނެތި ޝައުޤުވެރިކަމެއް
ނޫފެދޭނެއެވެ. އެހެންކަމުން ކޮންމެ ކަމަކަށް ޝައުޤުވެރިވަނީ ވެސް އެންމެ ފުރަތަމަ
އެ ކަމެއްގެ މަޢުލޫމާތު ކިތަންމެ ކުޑަ މިންވަރަކަށް ނަމަވެސް ލިބިގެންނެވެ.
އިވިގެން ނުވަތަ ފެނިގެން ނުވަތަ އެނގިގެން ނުވަތަ ގުޅުންހުރި ކޮންމެވެސް
ކަމަކާގުޅިގެން ކުރެވޭ ފިކުރަކުން އެހިސާބަށް ވިސްނުން ދަތުރުކޮށްގެންނެވެ. އެ
ފުރުސަތު ނުލިބޭ މީހެއްގެ ހިތުގައި އެކަމަކަށް ޝައުޤުވެރިކަމުގެ އޮށް އިންދާ
ހެއްދުމަކީ ވެވޭނެކަމެއް ނޫނެވެ.
ޝައުޤުވެރިކަން އުފެއްދުމަށާއި
ޝައުޤުވެރިކަން އިތުރުކުރުމަށް ދެން އެންމެ މުހިންމު ކަމަކީ އެކަމެއްގައި އޭނާއަށް
އޮތް ފައިދާއާއި ގެއްލުން އޭނާއަށް އެނގުމެވެ. އެކަމެއްގެ ފައިދާ ބޮޑުވިވަރަކަށް
އެކަމަކަށް އުފެދޭ ޝައުޤުވެރިކަން ބޮޑުވާނެއެވެ. މިތަނުގައި ފައިދާގެ މާނައަކީ
ހަމައެކަނި މާއްދީ ފައިދާއެއް ނޫނެވެ. އަދި ހަމައެކަނި ފައިސާ އެއްވެސް ނޫނެވެ.
މާއްދީ އަދި ރޫޙާނީ ފައިދާއެވެ. ހިތްހަމަޖެހުމާއި، ލޯތްބާއި، އެ މީހެއްގެ
މިޖާޒާ، ގަޔާވުމުގައި އެ މީހަކު ޤަބޫލުކުރާ އެ މީހަކަށް ރަނގަޅު
އަދި ފަސޭހަ ފައިދާހުރި ގޮތްތައް ވެސް އެއީ އެކަމެއްގައި އޭނާއަށް އޮތް
ފައިދާއެވެ.
ޝައުޤުވެރިކަން އުފެއްދުމަށާއި ޝައުޤުވެރިކަން އިތުރުކުރުމަށް ތިންވަނައަށް ބޭނުންވަނީ އުންމީދެވެ. "އުންމީދެއް އޮތިއްޔާ ދިރުމެއްވާނެ" ކަމަށް ބުނެވެއެވެ. އެއްވެސް އުންމީދެއްނެތް ކަމެއް ހާސިލުކުރުމަށް ޝައުޤުވެރިކަމެއް އުފެއްދުމަކީ ދަތިކަމެކެވެ. ބައެއް ކަންކަން އަލަށް ހޯދާފައިވާ ހޯދުންތެރިން އެ ނަތީޖާ ހާސިލުކުރީ އެއްވެސް އުންމީދެއްނެތި ކުރި ކަންތައްތަކަކުން ކަމަށް ހީވެދާނެއެވެ. އެކަމަކު އެއީ ޙަޤީޤަތެއް ނޫނެވެ. އެހެންމީހުންނަށް އެ ހޯދުންތެރިޔާ ކުރާ މަސައްކަތުގައި އެއްވެސް އުންމީދެއްނެތްކަމަށް ހީވި ނަމަވެސް ނަތީޖާއަށް ވާސިލުވުމަށް އޭނާގެ ޒަމީރަށް ނުވަތަ އަމިއްލަ ނަފުސަށްވާނީ އުންމީދުތަކެއް ކޮށްފައެވެ. އަދި އުންމީދުތަކެއް އާކޮށްދީފައެވެ. އެތައް ފަހަރަކު ފޭލިވިޔަސް އަދި ނާކާމިޔާބާ ކުރިމަތިލާންޖެހުނަސް އަދި ކިތަންމެ ބޮޑު ގެއްލުމެއް ލިބުނަސް އުންމީދުން ހިތްވަރު އާކޮށްދޭނެއެވެ. ހުރަސްތައް ގިރާކުރުމަށް އެހީވެދީ ބާރުއަޅާނެއެވެ. ދަތިތައް ފިލުވައިދޭނެއެވެ. އާޚިރު ނަތީޖާގެ އުންމީދުގައި އެމީހެއްގެ ފުރާނަ ވެސް ޤުރުބާންކޮށްފާނެއެވެ.
No comments:
Post a Comment